ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 2:09
ހޫނު ޚަބަރު
ހަބަރުހުކުރު ޚުޠުބާޚުޠުބާދީން

އާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި

ނަބާނަބާ0 ފަހަރު ބެލިފައި
އާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

މުޖުތަމަޢުގެ ބަދަހިކަމާއި އިސްލާޙީ މަސައްކަތްތަކުގެ ބިންގަލަކީ އާއިލާ ކަމަށާއި، އާއިލީ ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މަޢުޟޫޢަށް ޚާއްޞަކޮށްގެން ދެއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިންސާނީ މުޖުތަމަޢު އެކުލެވިގެންވަނީ އާއިލާތަކެއްގެ މައްޗަށެވެ. އެހެންކަމުން މުޖުތަމަޢެއް އުފެދި ހަރުދަނާވަނީ އަދި ރޫޅި ވިހާލިވެގެންދަނީވެސް އާއިލާތަކުގެ ހާލަތުގެ މައްޗަށް ބިނާވެގެންނެވެ. މިއަދު ފެންނަމުންދާ އަޚްލާޤީ މައްސަލަތަކާއި އިޖުތިމާޢީ ގޮންޖެހުންތަކުގެ އެންމެ ބޮޑު ސަބަބަކީވެސް އާއިލީ ގުޅުންތައް ދެމެހެއްޓުމަށާއި، ދަރިންނަށް ދޭންޖެހޭ ތަރުބިއްޔަތަށް ދޭންވާ ސަމާލުކަން ކުޑަވުން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެއް ކަންތައްކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާގެ ޙަދީޘްތަކުން މިސާލު ދައްކަވަމުން ޚުޠުބާގައި ވިދާޅުވީ، ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާގެ ރިޒުޤުގައި ބަރަކާތް ލައްވައި، ޢުމުރު ދިގުކުރައްވާނެ ކަމަށެވެ. އަދި ޙަޤީޤީ ގުޅުން ދަމަހައްޓާ މީހަކީ ހަމައެކަނި ތިމާއަށް ހެޔޮކޮށް ހިތާ މީހުންނާ ގުޅުން ބާއްވާ މީހާ ނޫން ކަމަށާއި، ގުޅުން ކަނޑައިފި މީހަކާވެސް ގުޅުން ދެމެހެއްޓުމަކީ މާތް ޞިފައެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރަޙިމުގެ ގުޅުން ކަނޑައިފި މީހަކަށް ސުވަރުގެ ނުވަދެވޭނެކަން ޙަދީޘްފުޅުތަކުން ސާބިތުވާކަން ހަނދާންކޮށްދެއްވިއެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތިވެރި ޒިންމާއެއްކަން ފާހަގަކުރައްވައި، ދަރިންނަށް އިސްލާމީ ތަޢުލީމާއި ރިވެތި އަޚްލާޤު ދަސްކޮށްދިނުމުގެ މުހިންމުކަމަށްވެސް ޚުޠުބާގައި ބާރުއެޅުއްވިއެވެ. ޚާއްޞަކޮށް، ދަރިންނަށް ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނާޅައި ކުރުމަށް ބާރުއެޅުމަކީ ޝަރުޢީގޮތުން ވާޖިބުވެގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ދަރިންނަކީ މައިންބަފައިންނަށް ކިޔަމަންތެރި، މައިންބަފައިން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި ޢަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކުމަށް މައިންބަފައިންނަށް އިލްތިމާސްކުރެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވަނީ އާއިލާގެ މެމްބަރުން އެކަކު އަނެކަކަށް ވާގިވެރިވެ، ދަތި އުނދަގޫ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން އަބަދުވެސް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ދިވެހި އެންމެހައި މުސްލިމުންނަށް ގޮވާލައްވާފައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x