އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރުމުގެ ކުރިން އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އޭނާގެ އަގު ވައްޓާލުމަށް ސިޔާސީ ގޮތުން ދައްކަމުންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އޭނާ އެދިފައިވެއެވެ.
އޭނާ މި މޭރުމުން ވާހަކަދެއްކީ ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނު ވަގުތުއެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އެތަނުން ނެރެގެން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް މި ތުހުމަތު ކުރިއިރު، އޭނާ ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕޭން ކުރައްވަމުންނެވެ.










