ބުދަ، 4 ނޮވެންބަރު 2026 ހެނދުނު 8:30
ހޫނު ޚަބަރު
ހަބަރުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ހަޤީޤީ މިނިވަންކަން ލިބޭނީ ސަލާންނުޖަހާ ފުދުންތެރި އިޤްތިޞާދަކުން: ރައީސް

ނަބާނަބާ0 ފަހަރު ބެލިފައި
ހަޤީޤީ މިނިވަންކަން ލިބޭނީ ސަލާންނުޖަހާ ފުދުންތެރި އިޤްތިޞާދަކުން: ރައީސް
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ޤައުމެއްގެ އަމިއްލަ ބަސް ބުނެ، ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ ފަދަ ފުދުންތެރި އިޤްތިޞާދެއް ބިނާކުރެވިގެން ކަމަށާއި، ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން މިއަދު ދަރަނީގެ އަޅުވެތިކަމުންވެސް ޤައުމު ސަލާމަތްކޮށް އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންނަށް ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ އިޤްތިޞާދީ މިނިވަންކަން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލުމާއި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދަވާ ކަމަށެވެ. އަދި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް އެއްވެސް ހީނަރުކަމެއް ނާންނާނެހެން، ދައުލަތުގެ މުޅި މާލިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އިންޤިލާބީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދިފާޢީ އަދި ޚާރިޖީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާއެކު ޤައުމީ ވިސްނުން ހުރި ޒުވާނުން ބިނާކުރުމަށް ފެށި ވަޠަނީ ޚިދުމަތުގެ ދަށުން މިހާރުވެސް ހާހަކަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ، ޢަމަލީ މައިދާނަށް ނުކުމެފައިވާކަން ފާހަގަކުރެއްވިއެވެ.

ނޮވެންބަރު 3، 1988 ގައި ޤައުމުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުންވެސް އިސްކުރެއްވީ ވަޠަނުގެ މިނިވަންކަމާއި އަމާންކަން ކަމަށެވެ. އަދި ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނުގެ އަޑީގައިވެސް ތިބީ ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމަށް ޣައްދާރުވި ދިވެހިން ކަމަށާއި، އެކަމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމުގައި އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި ނޮވެންބަރު ތިނެއްގެ ހާދިސާ ނުދެކޭ އާ ދެ ޖީލެއް މިއަދު އޮތްއިރު، އެ ޖީލުތަކަށް ރައްކާތެރި ޤައުމެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވާނީ ދިވެހި ޤައުމީ ބަހާތަކަށް ދިރުންދީ، ރާއްޖޭގެ އިސްލާމީވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު އިސްކޮށް، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި މުސްތަޤުބަލަކަށް އެންމެން އެކުގައި އަމާޒު ހިފުމަށް މުޅި ޤައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x