މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ގަވަރނިންގ ބޯޑުގެ ފުރަތަމަ ބައްދަލުވުން މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އެއް އޮނިގަނޑެއްގެ ދަށުން ޚިދުމަތްތައް ހިންގުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ އަލްފާޟިލާ ޢަބްދުއްރަޙީމް ޢަބްދުﷲ ޢީލާ ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް މުޙައްމަދު ޠަލާލް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީއެޗްޖީ ގަވަރނިންގ ބޯޑުގެ ޗެއަރމަން ޑރ. ޢަބްދުލްޢަޒީޒް ޔޫސުފް އަދި ބޯޑުގެ އެހެނިހެން މެންބަރުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިފްތިތާޙީ ބައްދަލުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ދިނުމުގައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެއް އަމާޒަކަށް ވާސިލުވުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ފާހަގަކުރެވެއެވެ. އަދި މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.










