ހުކުރު، 30 އޮކްޓޫބަރު 2026 މެންދުރު 2:24
ހޫނު ޚަބަރު
ހަބަރު

ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް: ބޯހިޔާވަހިކަމުގެ ލޯނުތަކަށް އިކުއިޓީ އެހީ ދިނުމަށް 4 މާލީ އިދާރާއަކާއެކު ސޮއިކޮށްފި

ނަބާނަބާ3 ފަހަރު ބެލިފައި
ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް: ބޯހިޔާވަހިކަމުގެ ލޯނުތަކަށް އިކުއިޓީ އެހީ ދިނުމަށް 4 މާލީ އިދާރާއަކާއެކު ސޮއިކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ގެދޮރު އެޅުމަށާއި ގަތުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ފައިސާ ދެއްކުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން މާލީ ހަތަރު އިދާރާއަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް، އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ، އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ އެހީގައި ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ) ގެ ދިރާސާތަކުން ދައްކާފައިވަނީ، ދިވެހި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ހުންނަ ދަތިތަކެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ އެ ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ ފައިސާގެ ދަތިކަމާ ހެދި ގެދޮރު ނޭޅިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ސަރުކާރު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ.

1. ހެލްޕް ޓު ބިލްޑް (އަމިއްލަ ބިމުގައި ގެދޮރު އެޅުމަށް)

މިއީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދޭ އެހީއެކެވެ.

އަމާޒުކުރެވޭ ސަރަޙައްދު: މި ބައި ޚާއްޞަކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ނަމަވެސް މީގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެއެވެ.

ދެވޭ އެހީގެ މިންވަރު: 1,000,000 (އެއް މިލިއަން) ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް ސަރުކާރުން 200,000 (ދެލައްކަ) ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ.

މާލޭގެ ބިންތަކަށް ޚާއްޞަ އިނާޔަތް: އާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރާނަމަ، ބޮލަކަށް 200,000 ރުފިޔާގެ މަގުން ޖުމްލަ 1,000,000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް އިކުއިޓީގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ.

އެހީގެ އެންމެ މަތީ މިންވަރު: ކުރެހުމާއި ބީއޯކިއުއަށް ބަލައި 1 މިލިއަން ރުފިޔާއަށްވުރެ މަތިން ލޯނު ނެގި ނަމަވެސް، ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200,000 ރުފިޔާއެވެ.

އަނބުރާ ދެއްކުން: މިއީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެކެވެ. ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.

2. ހެލްޕް ޓު ބައި (އަލަށް ގެދޮރު ގަތުމަށް)

މިއީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އިކުއިޓީ ޑައުންޕޭމަންޓް ދެއްކުމަށް އެހީތެރިވުމަށް ހިންގާ ބައެކެވެ.

އެފޯޑަބަލް ހައުސިންގ: ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް 250,000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. (މިއީ 2024 ގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގޭ ސްކީމެކެވެ).

މާކެޓް ރޭޓް ޔުނިޓްތައް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެއެވެ.

ފައިސާ ދޫކުރުން: މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވިގެންދާނެއެވެ.

މައިގަނޑު ޝަރުޠުތައް

މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x