އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސެނެޓަށް މުސްލިމް މެންބަރަކު އިންތިޚާބުވެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މައްޗަށް ޑިމޮކްރެޓުން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި އިންތިޚާބުގައި މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންނެވީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު އެވެ. މިއީ އެމެރިކާގެ ސެނެޓަށް މުސްލިމް ބޭފުޅަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
މި އިންތިޚާބަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަން ކުރައްވަމުން ގެންދަވާ ގޮތާމެދު ރައްޔިތުން ނުރުހުން ފާޅުކޮށް، ސީދާ އޭނާއާ ދެކޮޅަށް ނެރުނު ވަރުގަދަ ނިންމުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މީގެ ކުރިން ޓްރަމްޕަށް ތާއީދުކުރި އެތައް ރައްޔިތުންނެއް ވަނީ އޭނާގެ ސިޔާސަތުތަކާ ދެކޮޅަށް ވޯޓު ދީފައެވެ. ސިޔާސީ ޙަޔާތުގައި ރައްޔިތުންގެ ވިސްނުން ދެނެގަތުމުގައި ކާމިޔާބު ހޯއްދެވި ނަމަވެސް، މި އިންތިޚާބުން ދައްކުވައިދިނީ ޓްރަމްޕަށް ރައްޔިތުންގެ ވިންދު ދެނެގަތުމުގެ ޤާބިލުކަން ގެއްލިފައިވާ މަންޒަރެވެ.
އެންމެ ފަހުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ވަނީ 54 ގޮނޑިން ކަށަވަރުކޮށްފައެވެ. ރިޕަބްލިކަނުންނަށް ލިބުނީ 44 ގޮނޑިއެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތުވެސް 228 ގޮނޑިއާއެކު ޑިމޮކްރެޓުން ވަނީ ހޯދާފައެވެ. ރިޕަބްލިކަނުންނަށް ހައުސްއިން މިހާތަނަށް ލިބިފައިވަނީ 139 ގޮނޑިއެވެ.
ސެނެޓްގެ ނަތީޖާތަކަކީ ވަރަށް ބޮޑު ސިހުމެއް ގެނުވި ނަތީޖާތަކެކެވެ. ރިޕަބްލިކަން ޕާޓީގެ ވަރުގަދަ ބާރު އޮންނަ ނޯތު ކެރޮލައިނާ އަދި ސައުތު ކެރޮލައިނާގެ އިތުރުން ގާތްގަނޑަކަށް 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޓެކްސަސް އިން ޑިމޮކްރެޓިކް ސެނެޓަރަކު ވަނީ ވޮޝިންގޓަނަށް ފޮނުވާފައެވެ. އަދި ކެންސަސް އިން ޑިމޮކްރެޓުން ހޯދި ކާމިޔާބީއަކީ ވޭތުވެދިޔަ އެއް ޤަރުނުގެ ތާރީޚު ބަދަލުކޮށްލި ނަތީޖާއެކެވެ.
މި ބޮޑު ނާކާމިޔާބީއާއެކު ޓްރަމްޕަކީ ބާރު ކެނޑިފައިވާ "ލޭމް ޑަކް" ރައީސެއް ކަމަށް ދެކޭ މީހުންނަށް، އެއީ ހެދޭ ގޯހަކަށް ވެދާނެ ކަމުގެ އިންޒާރުވެސް ތަޙުލީލުވެރިން ދެއެވެ. ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހު ކޮންގްރެސްގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުންގެ އަތްމައްޗަށް ދިއުމާއެކު، ސަރުކާރު ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ޓްރަމްޕަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.










