ޗައިނާގެ ކޫލްފްލައި ކުންފުނިން އުފައްދާފައިވާ އިލެކްޓްރިކް ވަރޓިކަލް ޓޭކް އޮފް އެންޑް ލޭންޑިންގ (އީވީޓީއޯއެލް) އުޅަނދުތައް އުދުއްސުމުގެ ޚާއްޞަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފިއެވެ. ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ މި ވަސީލަތްތައް ދައްކާލުމަށް ބޭއްވި މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން އެއްވި ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
މި އުޅަނދުތައް އުދުއްސައި ދައްކާލާފައިވަނީ ރާއްޖޭގައި ދާދިފަހުން ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގައި ކޫލްފްލައި ކުންފުނިން ބައިވެރިވުމަށް ފަހުގައެވެ. މި ހަރަކާތުގައި އެ ކުންފުނީގެ އާ އީޖާދުތައް ކަމަށްވާ، އިށީނދެގެން ދަތުރުކުރެވޭ "ކޫލްފްލައި ޑްރީމް އެސްޓީ" އާއި ކޮޅަށް ހުރެގެން ދަތުރުކުރެވޭ "ކޫލްފްލައި އަރބަން" (އެއަރ-ސްކޭޓްބޯޑް ނުވަތަ ފްލައިންގ ޕްލެޓްފޯމް) ވަނީ އުދުއްސައި ދައްކާލާފައެވެ.
މޯލްޑިވްސް އެކްސްޕޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ދިވެހި ސަރުކާރުގެ އިސްވެރިން ވަނީ ކޫލްފްލައި ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި އަތިރިމަތީ ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިފަދަ އުޅަނދުތައް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.








