އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާ ފަދަ ކަންކަން ކުރުން އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމަށާއި، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި ވެސް އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ހިމެނެއެވެ. އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅުން ވެސް މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރުގެ ޙުރުމަތްތެރިކަން ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށް ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވީ އަބުރު ގެއްލުވައިލުމުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބޭ ހިތާމައިގެ އިތުރުން މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާ ކަމަށެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިވެގެންދާއިރު، ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ދަތި ބޮޑު އަނިޔާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއި މީސްމީޑިޔާގެ ސަބަބުން ހިނގާ ނޭދެވޭ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ފާހަގަކުރެއްވީ، މިއަދުގެ ދުނިޔޭގައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރަމުން ދަނީ އެ ކަމުގެ ފާފައިގެ ބޮޑުކަމާމެދު އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. ޒާތީވުމާއި ޙަސަދައިގެ ސަބަބުން ތެދުދޮގު ބެލުމެއް ނެތި މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަމުންދަނީ ޅަދަރިންގެ ކުރިމަތީގައި ކަމަށާއި، މިއީ މާދަމާ ޤައުމާ ޙަވާލުވާން ތިބި ދަރިންނަށް ދެއްކޭ ވަރަށް ނުރައްކާތެރި ނަމޫނާއެއް ކަމަށް ހަނދާންކޮށްދެއްވިއެވެ.
އިސްލާމްދީނުގައި މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމާއި، ގޯސްކޮށް ހީކުރުމާއި، ޣީބަބުނުން މުޅިން ޙަރާމްކުރައްވާފައިވާކަން ބަޔާންކުރައްވަމުން، އާންމު ގޮތެއްގައި މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެވެނީ ދުލުގެ ސަބަބުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެންކަމުން މީހަކު ދައްކާ ވާހަކަތަކުގެ ސަބަބުން ނަރަކައަށް އެއްލައިލެވިދާނެ ކަމުގެ އިންޒާރު ދެއްވައި، ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނޭކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، އެހެން މީހުންގެ އަބުރު ރައްކާތެރިކުރުމުގެ އިތުރުން ތިމާގެ އަމިއްލަ ނަފުސުގެ އަބުރަށް ރައްކާތެރިވެ، ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިވުމަކީ ވެސް ކޮންމެ މުސްލިމަކު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް ކަމުގައި ބަޔާންކުރެއްވިއެވެ.









