ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސާންޔާގައި ބޭއްވި "7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް" ފެށުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވާހަކަފުޅު ދެއްކެވީ "ޝެއަރޑް ކޮމިޓްމަންޓްސް އެންޑް ކަލެކްޓިވް އެކްޝަން: އެން އޯޝަން އޮފް އޮޕޮޗޫނިޓީޒް ފޯރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" މި މައުޟޫޢުގެ މައްޗަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ހަމަހަމަކަމާއެކު ކަނޑުތައް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ރަށްރަށުގެ ދިރިއުޅުން ބައިނަލްއަޤްވާމީ ބާޒާރުތަކާ ގުޅުވާލުމަށް ލިބިގެންދާ ފުރުޞަތުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ޤައުމުތަކުގެ ވެރިންގެ މެދުގައި ވެވިފައިވާ އެއްބަސްވުންތަކާއި ވަޢުދުތައް ޢަމަލީ ނަތީޖާއަކަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ބާނާ މަހުގެ އަގު ހިފެހެއްޓޭނެ ފަދަ ވަސީލަތްތައް ތަރައްޤީކުރުމާއި، ޢިލްމީ ދިރާސާތައް ހަރުދަނާކޮށް ޒުވާން ދިވެހި ދިރާސާވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ޙިމާޔަތްކުރުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމަޢުތަކަށް ފައިދާވާނެ ފަދަ ދެމެހެއްޓެނިވި ކަނޑުގެ އިޤްތިޞާދެއް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރެއްވިއެވެ.








