ސަރަޙައްދީ ފެންވަރުގައި ހިންގި ޤާބިލުކަން އިތުރުކުރުމުގެ މުހިންމު ދެ ތަމްރީނު ޕްރޮގްރާމެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ބައިވެރިވެވަޑައިގެންފިއެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ ޤަވާޢިދާ ޚިލާފަށް ހިޖުރަކުރުން ހުއްޓުވުމާއި، ޕޯޓް ކޮމިއުނިޓީ ނިޒާމުތައް ހަރުދަނާކޮށް ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމެވެ.
މިގޮތުން، ރީޖަނަލް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް އިން އިންތިޒާމުކޮށްގެން ބޭއްވި "ކައުންޓަރ އިރެގިއުލަރ މައިގްރޭޝަން ޑޮކިއުމަންޓް ފްރޯޑް އެންޑް ކްރިމިނަލް ނެޓްވޯކްސް ޓްރެއިނިންގ" ގައި ބައިވެރިވެވަޑައިގެންނެވީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ އަޙްމަދު ޝިނާން ނަޒީރެވެ. 2026 އޮކްޓޫބަރު 19 އިން 22 އަށް ކުރިއަށްދިޔަ މި ތަމްރީނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ސަރަޙައްދީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ޕްރޮގްރާމެކެވެ.
މީގެ އިތުރުން، 2026 އޮކްޓޫބަރު 27 އިން 29 އަށް ސްރީލަންކާގެ ކޮޅުނބުގައި ބޭއްވި "ރީޖަނަލް ޕޯޓް ކޮމިއުނިޓީ ސިސްޓަމް (ޕީ.ސީ.އެސް) އެންޑް މެރިޓައިމް ސިންގަލް ވިންޑޯ (އެމް.އެސް.ޑަބްލިއު) ވަރކްޝޮޕް" ގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޝަމޫން އަޙްމަދެވެ.
މި ވަރކްޝޮޕަކީ ޕޯޓް ކޮމިއުނިޓީ ސިސްޓަމް އަދި މެރިޓައިމް ސިންގަލް ވިންޑޯ ޤާއިމުކުރުމާއި ތަންފީޛުކުރުމުގެ ޢަމަލީ ގޮތްތައް ދެނެގަތުމަށާއި، އެކި ނިޒާމުތައް ގުޅުވާލައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމުތަކާއި، ޒަމާނީ ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކުރުންވެސް މި ބައްދަލުވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.









