މާލެއިން ސ. މީދޫއަށް ދަތުރުކުރި ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މީދޫ / އިރާކް، ޢަބްދުﷲ ޝައުނު (19 އަހަރު) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މީދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި ޢަބްދުﷲ ޝައުނު ހައްޔަރުކޮށް، އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.










