ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅީފަޅު ގުޅުވާލުމަށް އަޅަންޖެހޭ އެންމެ ފަހުގެ ސެގްމަންޓް މިއަދު އަޅައި، އެ ދެ ރަށް ބްރިޖުން ގުޅާލައިފިއެވެ. މިއީ މުޅި މަޝްރޫޢަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މި މުހިންމު ކާމިޔާބީ ހާމަކުރައްވައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެއާއި ގުޅީފަޅާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ފަހު ސެގްމަންޓް އެޅުމާއެކު، ދެ ރަށް މިހާރު ވަނީ ގުޅިފައި ކަމަށެވެ. އަދި މިއީ ސަރަޙައްދުގެ ގުޅުން ބަދަހިކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރ ވަނީ މަޝްރޫޢުގެ ކޮންޓްރެކްޓަރު އެފްކޮންސް އިންފްރާސްޓްރަކްޗަރ އަށާއި، އިންޖިނިއަރިންގ ކޮންސަލްޓަންޓް އެރަޕް އަދި މިނިސްޓްރީގެ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ އެހީގައި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.










