ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 10:58
ހޫނު ޚަބަރު
ހަބަރުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވިޔަފާރިދުނިޔެ

ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔަން ތައްޔާރަށް: ރައީސް ޑރ. މުޢިއްޒު

ނަބާނަބާ7 ފަހަރު ބެލިފައި
ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔަން ތައްޔާރަށް: ރައީސް ޑރ. މުޢިއްޒު
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދިވެހިރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔުމަށާއި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމުގެ ފުރިހަމަ އަޒުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމަކީ ދެ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، އިންވެސްޓްމަންޓްގެ އާ ފުރުޞަތުތައް ހޯދައި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވި ފޯރަމެކެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ފޯރަމަކީ ހަމައެކަނި އިންވެސްޓްމަންޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެއްވި އެއްވުމެއް ނޫން ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ނަތީޖާތަކެއް ހޯދައިދީފައިވާ ޒަމާންވީ އެކުވެރިކަމުގެ އާ ބާބެއް ބިނާކުރުމަށް ބޭއްވި ފޯރަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ކަނޑުމަގުން ކުރެވުނު ވިޔަފާރިއާއި އިންސާނީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުން، މިއަދު އިޙްތިރާމާއި އިތުބާރާއި ތަރައްޤީގެ އުންމީދުތަކުގެ މައްޗަށް އެކުލެވޭ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

1 ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމުގެ ވަރުގަދަ ފުރުޞަތެއް ދިވެހި ވިޔަފާރިތަކަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2025 ގެ ޖެނުއަރީން ފެށިގެން 2026 ގެ އޮގަސްޓުގެ ނިޔަލަށް ރާއްޖެއިން ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރު ގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން 124 މިލިއަން ޑޮލަރު (ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި) އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުން ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި އަމާޒަކަށް ވާންވާނީ ހަމައެކަނި ވިޔަފާރީގެ މިންވަރު އިތުރުކުރުން ނޫން ކަމަށާއި، އިޤްތިޞާދީ ގޮތުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކާއި، ދިވެހި އަތްތެރި މަސައްކަތްތަކާއި ޚިދުމަތްތަކަށް ޗައިނާ މާކެޓުގައި ބޮޑު ފުރުޞަތެއް އޮތްކަން ފާހަގަކުރައްވައި، ޕްރޮސެސިންގ، ސަޕްލައި ޗެއިން އަދި މާކެޓަށް ވާސިލުވުމުގައި ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ.

ރާއްޖެ މިއަދު ދަތުރުކުރަމުން ދަނީ ތަރައްޤީގެ މުހިންމު މަރުޙަލާއެއްގައި ކަމަށާއި، "ވިޝަން 2040" ގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އާ އީޖާދުތައް އަވަސްކޮށް، ޤައުމުގެ ކުރިމަގާމެދު އިތުބާރު އޮތް އިންވެސްޓަރުންނާ ގުޅުން ޤާއިމުކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސާޅީހަކަށް އަހަރަށްވުރެ ގިނަ ދުވަސްވީ ޤާނޫނު އުވާލައި، ފޮރިން އިންވެސްޓްމަންޓާ ބެހޭ އާ ޤާނޫނެއް ގެނައީ ދެފުށް ފެންނަ މިންވަރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. ތަރައްޤީގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސް ޕްރޮސެސްކުރުން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ޞިއްޙީ ދާއިރާ، މާލީ ޚިދުމަތްތައް، އަދި ސްމާޓް އިންފްރާސްޓްރަކްޗަރ ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އިންވެސްޓްމަންޓް ބޭނުންވަނީ ހަމައެކަނި ލިބޭ ފައިސާއަކަށް ނޫން ކަމަށާއި، އޭގެ ސަބަބުން އުފެދޭ ޞިނާޢަތްތަކާއި، ކުރިއަރާ ހުނަރުތަކާއި، އުފެދޭ ވަޒީފާތަކާއި ރައްޔިތުންނަށް ހުޅުވިގެންދާ ފުރުޞަތުތަކަށްޓަކައި ކަމަށެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހުރި ފުރުޞަތުތައް ބަލައި، ދިވެހި ވިޔަފާރިތަކާއެކު ގުޅުން ޤާއިމުކޮށް، "ވިޝަން 2040" ގެ ދަތުރުގައި ބައިވެރިވުމަށް އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ.

މި ފޯރަމްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ އާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x