އާމީނިއާގެ އެއާލައިނެއް ކަމަށްވާ ޝިރަކް އޭވިއާ އިން މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 2026 އިން ފެށިގެން މާޗް 2027 ގެ ނިޔަލަށެވެ. މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު، އާމީނިއާގެ ވެރިރަށް ޔެރެވާންގެ ޒްވާޓްނޯޓްސް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737-800 މަރުކާގެ ބޯޓުތަކެވެ.
މި ދަތުރުތަކުގައި ރާއްޖެ އައުމުގެ ކުރިން އޮމާންގެ މަސްކަޓަށް ޓެކްނިކަލް ރީފިއުލިން ސްޓޮޕެއް ހަދާނެއެވެ. ޝިރަކް އޭވިއާއިން ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ އެ އެއާލައިނުގެ ފިނި މޫސުމުގެ ފުޅާކުރުންތަކުގެ ތެރެއިން ބާއްވާ ދަތުރުތަކެކެވެ. މީގެ އިތުރުން އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ފުކެޓަށް ވެސް ދަތުރުތައް ފެށުމަށް އެ އެއާލައިނުން ދަނީ ތައްޔާރުވަމުންނެވެ.
ފިނި މޫސުމުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ އިތުރުކުރުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފައެވެ. އޮކްޓޫބަރު 25 އިން ފެށިގެން މި އިންތިޒާމަށް އަމަލުކުރަން ފަށާފައިވާއިރު، ޝިރަކް އޭވިއާ ހިމެނެނީ މި އެއާލައިންތަކުގެ ތެރޭގައެވެ.
މި ލިސްޓުގައި ޝިރަކް އޭވިއާގެ އިތުރުން ނިއޯސް، އެއިރޯފްލޮޓް، ޔޫއެސް-ބަންގްލާ އެއާލައިންސް، ސެންޓްރަމް އެއާ، އަޒޫރް އެއާ، އެސް7 އެއާލައިންސް، ކުވެއިތު އެއާވޭސް، ގުލިވްއެއާ އަދި ފްރެންޗް ބީ ހިމެނެއެވެ.
ކުރިން ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރި އަދި މިހާރު އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ ޓާމިނަލް 2 އިން މި އެއާލައިންތަކަށް ޗެކްއިންގެ ޚިދުމަތް ދިނުމަކީ ޕީކް ސީޒަނުގައި އެއާޕޯޓުގެ ކާރޫބާރޫ ކުޑަކޮށް، ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދުމަށް ނިންމި ނިންމުމެކެވެ. އެހެންކަމުން އެ އެއާލައިންތަކުން ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ކަންކަން ފުރިހަމަކުރުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އާމީނިއާގެ ޝިރަކް އޭވިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ

ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް








