ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 11:57
ހޫނު ޚަބަރު
ހަބަރު

54،000 ވަޒީފާގެ ފުރުޞަތާއެކު، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ފަށަނީ

ނަބާނަބާ0 ފަހަރު ބެލިފައި
54،000 ވަޒީފާގެ ފުރުޞަތާއެކު، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ފަށަނީ
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް
20 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ' މަޝްރޫޢުގެ އެއްބަސްވުމުގައި، ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އަދި އީގަލް ހިލްސްގެ ބާނީ އަދި ޗެއަރމަން މުޙައްމަދު އަލަޢައްބާރު ސޮއިކުރައްވަނީ: 21 ސެޕްޓެމްބަރ 2026. (ފޮޓޯ/ ހައުސިންގ މިނިސްޓްރީ)

ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މެގަ މަޝްރޫޢެއް ފެށުމަށް ނިންމައި، އެ މަޝްރޫޢުގެ ދަށުން އެކި ދާއިރާތަކުން 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެއްދުމަށް ތައްޔާރުވެއްޖެއެވެ. ލަގްޒަރީ ހޮސްޕިޓާލިޓީ، ފަތުރުވެރިކަން، މެރީނާ އޮޕަރޭޝަންސް، ކޮންސްޓްރަކްޝަން، އިންޖިނިއަރިންގ، ވިޔަފާރި، މުނިފޫހިފިލުވުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ހިމެނޭހެން މި ފުރުޞަތުތައް ފަހިވެގެންދާއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ދައުރުވާ ބޭރުގެ ފައިސާގެ ސަބަބުން އިޤްތިޞާދަށާއި ޒުވާނުންގެ ވަޒީފާގެ ބާޒާރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އަބޫދާބީގައި ސޮއިކުރެވުނު ތާރީޚީ އެއްބަސްވުން

’މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ‘ ގެ ނަމުގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ އެއްބަސްވުމުގައި ޔޫއޭއީގެ އަބޫދާބީގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަބާރެވެ. މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި، ލަގްޒަރީ ހޮޓާތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކުގެ އިތުރުން ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތަކާއި ސްކޫލް އަދި ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިންނަށް ސޯޝަލް ހައުސިންގ ޔުނިޓްތަކެއް

މި މަޝްރޫޢުގެ ދަށުން ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށްގެން ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 5،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ގެނެސްދޭނެ މުހިންމު ބައެކެވެ.

މާލީ އަދި ޤާނޫނީ ޝަރުޠުތައް

މި އެއްބަސްވުމަކީ ދަޢުލަތުން އެއްވެސް ލޯނު ގެރެންޓީއެއް ދޭންނުޖެހޭ އަދި ޓެކްސް އިނާޔަތްތަކެއް ނުދީ ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވިއްކާ ކޮންމެ ޔުނިޓަކުން ދަޢުލަތަށް ސީދާ އާމްދަނީ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވެނީ މިލްކުވާ ގޮތަކަށް ނޫނެވެ؛ އެއީ 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމުގެ އުޞޫލުންނެވެ.

އިޤްތިޞާދީ ބޮޑު ކުރިއެރުމެއް

މަޝްރޫޢުގެ މުޅި މުއްދަތުގައި ޖުމްލަ 30 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖޭގެ އިޤްތިޞާދަށް ސީދާ 18 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި އަހަރަކު އިތުރު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ 2040 ވަނަ އަހަރަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x