ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުނު މައްސަލައިގައި ދިވެހި ދައުލަތުން އަމަލުކޮށްފައިވާ ގޮތް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޢ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރިޔާސީ ޤަރާރު ނަންބަރު 2026/17 އިންނެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ފެބުރުވަރީ 5 ގައި އިއްވެވި ރިޔާސީ ބަޔާނުގައި ވެސް އިޢުލާނު ކުރައްވާފައެވެ.
"އިޓްލޮސް ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެކުލަވައިލި ޚާއްޞަ ރިޔާސީ ކޮމިޝަން އޮފް އިންކުއަރީ" ގެ ނަމުގައި މި ކޮމިޝަން އުފެއްދެވީ، ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއެވެ. އެގޮތުން، މި މައްސަލަ ދިރާސާކޮށް ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް ޢައްޔަންކުރި ބައިނަލްއަޤްވާމީ މާހިރުންގެ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވަނީ ދައުލަތުން އަމަލުކުރި ގޮތުގެ ސަބަބުންނެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި، ކަނޑުގެ މުއްސަނދިކަމަށާއި، ކަނޑުގެ އަޑީގެ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަތް މެންބަރަކު ޢައްޔަންކުރައްވާފައެވެ. އެއީ:
އުސްތާޛު އަޙްމަދު ޝާކިރު (އޯޑީއާރްޑީޑީ)
އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
ޑރ. ޢާމިނަތު ޝާފިޔާ އާދަމް
ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ޞާދިޤު
އަލްފާޟިލް އަޙްމަދު ޢަލީ މަނިކު
އުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އުސްތާޛު އަޙްމަދު ޝާކިރު (އޯޑީއާރްޑީޑީ) އެވެ.
ރިޔާސީ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، އިޓްލޮސް ކޭސް ނަންބަރު 28 ހުށަހެޅުމާ ހަމައަށް އަދި މައްސަލަ ހިނގަމުންދިޔައިރު، ރާއްޖޭގެ ފަރާތުން ޖަވާބުދާރީވުމުގައާއި މައްސަލައާ ގުޅުންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، މުޝީރުންނާއި، ސީދާ އަދި ނުސީދާކޮށް ބައިވެރިވި ވެރިންނާއި އިޚްތިޔާރާއި ބާރު ލިބިފައިވާ ފަރާތްތަކުން އަމަލުކުރި ގޮތް ތަޙުޤީޤުކުރުމުގެ ބާރު ކޮމިޝަނަށް ވަނީ ދީފައެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އެފަދަ އިހުމާލެއް އޮތްނަމަ އޭގެ ދާއިރާއާއި މިންވަރު ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުތެރިކޮށްފައިވާ ގޮތް ބެލުން ވެސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަ ގޮތްތައް ކަނޑައެޅުމާއި، މުސްތަޤްބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަންކަން އިންތިޒާމުކުރަން ފެންނަ ގޮތުގެ ހުށަހެޅުންތައް ތަޙުޤީޤުގެ ހޯދުންތަކުގެ އަލީގައި ހުށަހެޅުމުގެ ބާރު ވެސް ވަނީ ދީފައެވެ.
މި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާނީ، ކޮމިޝަނަށް ހަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމަކޮށް ނިމިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެންނެވެ.










