އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް–ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖޭގައި އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިގު މުއްދަތުގެ ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވައިފިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި ޚާރިޖީ ގޮތުން ދެ ޤައުމުގެ އިތުބާރު ބޮޑު ނަމަވެސް، އިޤްތިޞާދީ ގޮތުން ގުޅުން އެންމެ ފުރިހަމައަށް އަދި ތަރައްޤީވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު އެއްބަސްވެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރާއްޖެއަށް، މުދާ ލިބުމުގެ ނިޒާމު ވަރުގަދަކުރުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފިނިކޮށް މުދާ ރައްކާކުރާ ނިޒާމުތަކާއި، ކާބޯތަކެތި ޕްރޮސެސްކުރުމާއި، މޫސުމަށް އެކަށޭނަ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ކަނޑުމަގުން ސީދާ ގުޅުންތައް ޤާއިމުކުރުމަށް ބާރުއަޅުއްވައި، ރާއްޖޭގެ ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިތުބާރު ހިފޭ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނިތަކަށާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރާއްޖޭގައި ފުރުޞަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދަޢުވަތު އަރުވަމުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް އިންވެސްޓްކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަދި އިސްލާމިކް ފައިނޭންސް، ސުކޫކް އަދި ޙަލާލް ޓޫރިޒަމްގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވެސް ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި މުދާ އިމްޕޯޓްކުރާ ތަނެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ޚިދުމަތްތަކާއި އުފެއްދުންތައް ފުޅާކުރުމުގެ ސްޓްރެޓީޖިކް މަރުކަޒެއްގެ ގޮތުގައި ބެލުމަށެވެ. އަދި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ދެ ޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ، ދެ ޤައުމުގެ ވިޔަފާރިވެރިން ވެސް މި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ އިޤްތިޞާދީ ބަދަލުވުންތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދަޢުވަތު އަރުވައިފި

ތިޔަބޭފުޅާގެ ރިއެކްޝަން
1 ރިއެކްޝަންތައް







