ހުކުރު، 30 އޮކްޓޫބަރު 2026 ހެނދުނު 11:55
ހޫނު ޚަބަރު
ހަބަރުފަތުރުވެރިކަން

ރަސްމާލޭގައި މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ތަރައްޤީކުރުމަށް އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަބާނަބާ0 ފަހަރު ބެލިފައި
ރަސްމާލޭގައި މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ތަރައްޤީކުރުމަށް އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ، ރަސްމާލެ ސަރަޙައްދުގައި ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ. އަބޫދާބީގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ މަޝްރޫޢުގެ މައިގަނޑު ވިސްނުމާއި ވިޔަފާރީގެ މައިގަނޑު އުސޫލުތައް ކަނޑައަޅައިދޭ އެއްބަސްވުމެކެވެ.

ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި ވޯޓާފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ، ޕްރީމިއަމް އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި، ވޯލްޑް ކްލާސް މެރީނާއެއްގެ އިތުރުން ވިޔަފާރި، ކެއިންބުއިން، މުނިފޫހިފިލުވުން، ވެލްނަސް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތައް އެކުލެވިގެންވެއެވެ. މި ސަރަޙައްދުގެ ޕްރޮޕަޓީތައް ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން ލިބިގެންދާނެ ކަމަށާއި، ކޮންމެ ފަހަރަކު ވިއްކުމުން ނުވަތަ ވާރުތަވުމުން ވެސް އައު 99 އަހަރުގެ މުއްދަތެއް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ވިދާޅުވީ، ”ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ވަރަށް ޚާއްޞަ ޤައުމެއް ކަމަށާއި، އަޅުގަނޑުމެންގެ އަމާޒަކީ އެ ޤާބިލުކަމުގެ މައްޗަށް ބިނާކޮށް ޒިންމާދާރުކަމާއެކު ދުނިޔޭގެ ފެންވަރުގެ މަންޒިލެއް ބިނާކުރުން“ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ޑައުންޓައުން ދުބާއީ އާއި ބެލްގްރޭޑް ވޯޓާފްރަންޓް ފަދަ ސިޓީ ފެންވަރުގެ ބޮޑެތި މަޝްރޫޢުތައް ތަރައްޤީކޮށްފައިވާ އީގަލް ހިލްސް އަދި މުޙައްމަދު އަލާއްބާރު ފަދަ ތަޖުރިބާކާރު ބައިވެރިއެއް މި މަޝްރޫޢަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށާއި، މިކަމުގެ ސަބަބުން ބިލިއަނުން ބޭރު ފައިސާ ބޭންކިންގ ނިޒާމަށް ވަދެ، ވަޒީފާތަކާއި ގެދޮރުވެރިކަން ފަހިވެ، ސަރުކާރުން ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ ދަޢުލަތަށް ސީދާ އާމްދަނީ ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް އިސްކަންދީގެން ހިންގާ މި މަޝްރޫޢު ކުރިއަށްދާނީ ހިއްކާފައިވާ ބިމުގައެވެ. އަދި އީގަލް ހިލްސްއިން އިތުރަށް ފަޅު ފުންކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، މަޝްރޫޢު ކުރިއަށްދާއިރު މިނިވަން މެރިން މޮނިޓަރިންގ ކުރިއަށްދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް އީގަލް ހިލްސްއިން ވަނީ ޚާއްޞަ ވެބްސައިޓެއް (https://eaglehillsmaldives.com/) ވެސް ޤާއިމުކޮށްފައެވެ. މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ހައި-އިންކަމް ޤައުމަކަށް ވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x