ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޅ. ނައިފަރާއި ޅ. އޮޅުވެލިފުށީގައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހިތްވަރު / ޅ. ނައިފަރު، އަނަސް އަބްދުﷲ (19އ) އާއި، ކޮތަރިވިލާ / ޅ. އޮޅުވެލިފުށި، މުޙައްމަދު މިފްޒާލް (25އ) އަދި ޑައިމްވިލާ / ޅ. އޮޅުވެލިފުށި، އަޙްމަދު އާދިލް (20އ) އެވެ.
މި މަހުގެ 23 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކޮށްފައިވަނީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހުގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމެވެ.
ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އަޙްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 10.79 ގުރާމު ހުއްޓެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް އަށް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު އާދިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










