ދިވެހިރާއްޖެ އާއި ފްރާންސާ ދެމެދު އޮތް ގުޅުމުގެ ތެރެއިން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ފޮރިން ސެކްރެޓަރީ ޑރ. ހާލާ ޙަމީދު، ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޭމީ ލެމްބަރޓްއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ފަތުރުވެރިކަމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި، ދަތުރުފަތުރާއި ގުޅުންތައް ހަރުދަނާކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ (ކެޕޭސިޓީ ބިލްޑިންގ) ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.










