ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 1:31
ހޫނު ޚަބަރު
ހަބަރުފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އިސްލާމްއާބާދުގައި ބައްދަލުކުރައްވައިފި

ނަބާނަބާ8 ފަހަރު ބެލިފައި
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އިސްލާމްއާބާދުގައި ބައްދަލުކުރައްވައިފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ޤައުމީ މަޖިލީހުގެ މެންބަރު ބީބީ އަސީފާ ބުއްޓޫ ޒަރުދާރީއާ އިސްލާމްއާބާދުގައި ހުންނަ ރިޔާސީ ގަނޑުވަރު، އީވާން-އޭ-ސަދުރުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އީވާން-އޭ-ސަދުރަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޫ ޒަރުދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދެ ބޭފުޅުންގެ ކައުންޓަރޕާޓުންނާ ވަކިވަކިން ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

ފަސްޓް ލޭޑީ ސާޖިދާއަށް މަރުޙަބާ ދަންނަވަމުން އަސީފާ ބުއްޓޫ ވިދާޅުވީ، މި ޒިޔާރަތުގެ ސަބަބުން އިސްލާމީ އުޚުއްވަތްތެރިކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ތަޢުލީމާއި، ޞިއްޙަތާއި، ޘަޤާފަތް އަދި ޒުވާނުންނަށް ޚާއްޞަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަރުޙަބާ ވިދާޅުވިއެވެ. މީގެއިތުރުން، ފަސްޓް ލޭޑީ ސާޖިދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާކުރެއްވި އިސް ދައުރަށާއި، ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ޢާންމު ޞިއްޙަތުގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށް އެހީތެރިވުމަށް ކުރައްވާ މަސައްކަތްޕުޅުތައް އަސީފާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަން އިތުރުކުރުމަށް، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް އަސީފާ ބުއްޓޫ ކުރައްވާ މަސައްކަތްޕުޅުތަކަށް ސާޖިދާ ތަޢުރީފުކުރެއްވިއެވެ. ދެ ބޭފުޅުން ވަނީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި އަހުލުވެރިކުރުވުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމާއި ބާރުވެރިކުރުވުމުގައި އިސް ދައުރެއް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމާއި އިޤްތިޞާދީ ދާއިރާގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، އިސް ދައުރުތަކަށް އަންހެނުން ގެނައުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ދެ ބޭފުޅުން ބާރުއެޅުއްވިއެވެ.

މީގެއިތުރުން، އަންހެނުންގެ ލީޑަރޝިޕާއި، ހުނަރު ތަރައްޤީކުރުމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އިޖުތިމާޢީ ތަރައްޤީ އަދި ޒަމާނީ ދަނޑުވެރިކަމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގައި ނިކަމެތި ޢާއިލާތަކަށާއި އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ "ބޭނަޒީރު އިންކަމް ސަޕޯޓް ޕްރޮގްރާމް" އާ ގުޅޭ މަޢުލޫމާތު އަސީފާ ހިއްސާކުރައްވައި، ނާޒުކު ޙާލަތްތަކުގައިވާ މުޖުތަމަޢުތައް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރެއްވުމުގެ އަޒުމު ދެ ބޭފުޅުން ވެސް އައުކުރެއްވިއެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x