ދިވެހިންގެ އުފެއްދުންތެރިކަމާއި ވިޔަފާރިވެރިކަން ދައްކުވައިދޭ ޤައުމީ ފެންވަރުގެ ބޮޑު މައުރަޒު، "މޯލްޑިވްސް އެކްސްޕޯ 2026" އަންނަ އާދީއްތަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށް 9 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި، ރާއްޖޭގެ އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، ސްޓާޓްއަޕްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުން ބައިވެރިވާނެއެވެ. މި މައުރަޒުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްޞަ 7 ދާއިރާއަކަށް ބަހާލައިގެންނެވެ.
މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ ސްޓޯލްތައް ފެނިގެންދާނެއެވެ. މީގެއިތުރުން ބޭރު ޤައުމުތަކުގެ ޕެވިލިއަންތަކާއި، ވިޔަފާރި މިޝަންތަކުގެ ސްޓޯލްތަކާއި، ކާބޯތަކެތީގެ މަގުބޫލު ސްޓްރީޓަކާއި، މައި ސްޓޭޖުގައި ކޮންމެ ދުވަހަކު ކުރިއަށްދާ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.
ވިޔަފާރި މައުރަޒުތަކުގެ އިތުރުން ޢާއިލާތަކަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ވާޗުއަލް ރިއަލިޓީ ގޭމިންގ އާއި އެސްކޭޕް ރޫމްތައް ހިމެނެއެވެ. އަދި ބީޗް ހޭންޑްބޯޅަ، ބާސްކެޓްބޯޅަ، ރާޒުވާ، ކެރަމް، ބައިސްކަލު ރޭސް އަދި ޖެޓް ސްކީ ރޭސް ފަދަ ކުޅިވަރު މުބާރާތްތައް ވެސް ކުރިއަށްދާނެއެވެ. ސަގާފީ ހަރަކާތްތަކުގެ ތެރެއިން ބޮޑުބެރު ޗެލެންޖުގެ ފައިނަލް ނޮވެމްބަރު 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، "ސަގާފީ ވާދަ" އޮންނާނީ ނޮވެމްބަރު 2 ގައެވެ.
އެކްސްޕޯ ޢާންމުންނަށް ރަސްމީކޮށް ހުޅުވާލުމުގެ ގޮތުން 25 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުގެ ރޭ 8:00 އިން 11:00 އަށް ޚާއްޞަ ހަވާ އެރުވުމަކާއި މިއުޒިކީ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އެކްސްޕޯ އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ. މި ހަރަކާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ތަފުޞީލުތައް expo.mv މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.









