ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބާރަށު ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމާއި، ނެރުފައިކަށި ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެއްގަމުތޮށި ލުމާއި، ރޭމްޕް ހެދުމާއި، ޑިންގީ އެޅުމަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށްޓަކައި ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓަރ ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ތެރެއިން މޫރިންގ ބޯއީ ހަރުކުރުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.









