ރާއްޖޭގެ ތަޢުލީމީ ނިޒާމު ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އެޑިއުކޭޝަން މިނިސްޓްރީއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ގޮވާލައްވައިފިއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އަމީން މިކަމަށް ގޮވާލެއްވީ، ތަޢުލީމުގެ ޤާނޫނަށް ހޯމް ސްކޫލިންގ ތަޢާރަފުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިޞްލާޙުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
މި ބިލަށް ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ވަކި ޕާޓީއެއްގެ ސިޔާސީ ފިކުރު އިސްނުކޮށް، މި ބިލަށް ބަހުސްކުރައްވަން ބޭނުންފުޅުވަނީ ދުނިޔެއަށް ލޯހުޅުވިފައިވާ ވިސްނުމަކުން ކަމަށެވެ. އަދި ޙަޤީޤަތުގައި މި ޤައުމުގައި މިނިވަންކަމާއެކު އެކީގައި ހިންގަންވީ އެއް ތަނަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށާއި، އެ ވުޒާރާއަކީ މިނިވަން މުއައްސަސާއަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖުޑިޝަރީއަށް ބަޖެޓު ދޭ ފަދައިން ތަޢުލީމީ ދާއިރާއަށްވެސް ވަކި ބަޖެޓެއް ކަނޑައަޅައިފިނަމަ މިއަދަށްވުރެ ފާގަތި ދުވަސްތަކެއް ފެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަޢުލީމީ މާޒީއަށް އަލިއަޅުއްވާލައްވަމުން އަމީން ވިދާޅުވީ، ކުރިން ދަރިން ތަރުބިއްޔަތުކުރަމުން އައީ ފަތިސް ނަމާދުކޮށްގެން ދަރިވަރުން ނިކުމެ، ޖިސްމާނީ އަދި އަޚްލާޤީ ގޮތުން ހަށިގަނޑު ތަރުބިއްޔަތުކުރާ ފުރިހަމަ އުޞޫލުތަކަކުން ކަމަށެވެ. ނަމަވެސް އެ ރިވެތި އާދަތައް މިއަދު އުވިދިޔައީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އޭގެ އިތުރުން ކުރީގައި ސްކޫލްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޙަރަކާތްތަކާ ޚިލާފަށް، މިއަދު ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އެދިގެންވެސް ބަންދު ދުވަސްތަކުގައި ސްކޫލަށް ވަނުން މަނާކުރާ ޙާލަތަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ހުކުރު ދުވަހަކު ދަރިވަރުންގެ ކަމެއްގައި ސްކޫލް ބޭނުންކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލަކަށް ގުޅައި ފިޔަވަޅު އަޅަން އުޅުނު މިސާލެއްވެސް އޭނާ ދެއްކެވިއެވެ.
މިއަދު ރާއްޖޭގައި މުދައްރިސުކަން ކިޔަވާނެ ދަރިވަރަކު ނެތުމަކީ ޤައުމީ ފެންވަރުގެ ކްރައިސިސްއެއްގެ ގޮތުގައި ސިފަކުރައްވަމުން، އަމީން ވިދާޅުވީ މިއީ ސިޔާސީ ވެރިންގެ ބޯހަރުކަމުންނާއި އެ ބޭފުޅުންގެ ނުފޫޒު މި އިދާރާތަކަށާއި ޓީޗަރުންނަށް ހިންގަން އުޅުމުގެ ނަތީޖާ ކަމަށެވެ. ރަށްރަށުގައި ސިޔާސީ ފިކުރުން އެއްކިބާވެ، ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި ޚިދުމަތްދެނީ މުދައްރިސުން ކަމަށްވާއިރު، އެ ފަރާތްތަކަށް ޙައްޤު ޤަދަރާއި ލޯބި ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންނާއި ފުލުހުންނަށް ދޭ ފަދަ ރިޓަޔަރމެންޓް އަދި ހެލްތު އިންޝުއަރެންސް ޕެކޭޖުތައް މުދައްރިސުންނަށްވެސް ދޭންޖެހޭ ކަމަށް އޭނާ ވަކާލާތުކުރެއްވިއެވެ.
ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) އަށް މި އިޞްލާޙު ހުށަހެޅުއްވީ މެންބަރު ޢާއިޝަތު އަނާރާ ނަޢީމެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ކުއްޖަކަށްވެސް ތަޢުލީމުގެ ޙައްޤު ކަށަވަރުކޮށްދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ގޮތުން ޚާއްޞަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް އުނގެނުމަށް ހުރި ހުރަސްތައް ނައްތާލައި ރައްކާތެރި މާޙައުލެއްގައި ހޯމް ސްކޫލިންގ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މަދަރުސީ ތަޢުލީމު ހިންގުމުގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު ސާފުކޮށްދިނުމެވެ.









