މާލެ ސަރަޙައްދެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީގެ ލިންކް ރޯޑް ފުޅާކުރުމާއި އުމްރާނީ ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. މީގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ އިޤްތިޞާދަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަތަރު ލޭނަށް ފުޅާކުރުމުގެ މަޝްރޫޢު މިހާރު ވަނީ ހޮންކޮންގްގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޯ ވެއިޑޮންގް އެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް 12.3 ކިލޯމީޓަރުގެ ސަރަޙައްދެއް ހަތަރު ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މީގެކުރިން މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް، ބޭނުންވާ ބޮޑެތި މެޝިނަރީތައް އައްޑޫއަށް ގެންގޮސް ބިން ސާފުކުރުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާފައިވެއެވެ. ނަމަވެސް، ފަހުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ އާރްޑީސީގެ މަސައްކަތުގެ ދާއިރާއިން މި ބައި އުނިކޮށް، ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމައި ރޯޓައިމް އިންޖިނިއަރިންގއާ ހަވާލުކޮށްފައެވެ. ލިންކް ރޯޑް އަލުން ތަރައްޤީކުރުމަކީ އެ މަގުގެ ހާލަތާ މެދު އައްޑޫ ރައްޔިތުން ޝަކުވާކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމެކެވެ.
އުމްރާނީ ތަރައްޤީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތައް ޒޯންތަކަށް ބަހާލައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ފުރަތަމަ ޒޯންގެ މަސައްކަތަށް ބޭނުންވާ ފައިސާ ވެސް 2027 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މީގެ ސަބަބުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
ހަމައެއާއެކު، ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި އެސްއެމްއީ ސްޓާޓަޕްތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުމަށް ވެސް 2027 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.








