އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން 3 އަހަރުގެ މުއްދަތަށް ހިންގާ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ޒޯނުގައި ވިޔަފާރިކުރުމަށް ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު އެއްވެސް ކުއްޔެއް ނުނަގާނެއެވެ. މީގެއިތުރުން، އިންކަމް ޓެކްސް މަޢާފުކޮށްދިނުމާއި، 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިޤްތިޞާދީ ގޮތުން ވިޔަފާރިވެރިންނަށް ހުރި ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރާ ލުއިތަކެކެވެ.









