މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ހަދާފައިވާ މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މިއީ ރާއްޖޭގެ އެކި ސިޓީތަކުގައި މަސްފިހާރަތައް ގާއިމުކުރުމަށް މިފްކޯއިން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ ފިހާރައެވެ. މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައިވެސް މިފްކޯގެ މަސްފިހާރައެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ދެ ފިހާރައާއި ހުޅުމާލޭގައި ތިން ފިހާރަ މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.
މި އައު ފިހާރައިގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ފަސޭހަކަމާއެކު، ހެޔޮ އަގުގައި މެދުނުކެނޑި ލިބެމުންދާނެއެވެ. އަދި 1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަސް ހިމެނޭހެން ކޮންމެ ދުވަހަކު ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯގެ އަމާޒަކީ ވިޔަފާރީގެ ވިއުގަ ފުޅާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމާއެކު ފެންވަރު ރަނގަޅު އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތާ އެއްގޮތަށް ދާއިރާ ތަރައްގީކޮށް، ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.








