ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަވާއިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ސައިކަލުގައި އިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، އިރުމަތީގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފެވެ. އޭނާ ހައްޔަރުކުރީ އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން، އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުން ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލެއް އެހެން ސައިކަލަކާ ޖެހިގެންނެވެ. ވަންވޭއާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި މި ސައިކަލަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ހައްޔަރުކުރި މުޙައްމަދު ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮތް މީހެއް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން އަހަރީ ފީ، ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތައް ހިމެނެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.










