ސިނަމާލެ ބުރިޖު (ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް) ބިނާކުރުމުގެ އަސްލު މޭސްތިރިޔަކީ ކޮބައިކަމާމެދު ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މިވަގުތު، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި މުހިންމު ތަފްޞީލުތަކެއް ހިއްސާކުރައްވާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވަނީ ބްރިޖު އެޅުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވައިދެއްވީ އެމަނިކުފާނު ކަމުގައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާ ގޮތުގައި، އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން އެ މަޝްރޫޢުގެ އަމަލީ އެންމެހައި ކަންކަން ހިންގެވީ އެމަނިކުފާނެވެ. އެހެންނަމަވެސް، އަދީބު ބަޔާންކުރެއްވީ އެ މަޝްރޫޢު ނިންމައި ކާމިޔާބު ކުރެވުނީ އެމަނިކުފާނާއި، ޑރ. މުޢިއްޒުގެ އިތުރުން މިހާރުގެ ހައުސިންގ މިނިސްޓަރު ޑރ. މުއްޠަލިބާއި އެހެނިހެން ބޭފުޅުން ގުޅިގެން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.
އަދީބުގެ ވީޑިއޯ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭ މަޝްވަރާތައް ހިނގަމުންދިޔަ ދުވަސްވަރު، ރައީސް ޔާމީން އުޅުއްވީ ތާސްކުޅުއްވުމުގައި ނުވަތަ ވިޔަފާރިކުރެއްވުމަށް ސިންގަޕޫރަށް ދަތުރުފުޅު ކުރެއްވުމުގައެވެ. އަދި ރައީސް ޔާމީނާއެކު ބައްދަލުވުމެއް ބޭއްވޭވަރު ވަނީވެސް ވަރަށް ދަތިހާލުންނެވެ.
މީގެއިތުރުން، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ރޭއްވެވި އަސްލު ފަރާތަކީވެސް ރައީސް ޔާމީން ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ. އަދި އެ ފައިސާއާއި މުދާތައް ހުރީ ޔާމީންގެ ބާރުގެ ދަށުގައި ކަމަށާއި، މި މައްސަލައިގައި އަދީބާއި ޒިޔަތު ވަނީ ފްރޭމްކޮށްފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބުރިޖުގެ ކުރެހުމާއި ޑިޒައިނާ ބެހޭގޮތުން އަދީބު ވިދާޅުވީ، ސިނަމާލެ ބުރިޖުން ބައިސްކަލު ދުއްވާ ލޭން އުނިކުރުމަކީ ރައީސް މުޢިއްޒު ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި، އެއީ ޚުދު ރައީސް ޔާމީން އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.










