އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މި މަހުގެ 27 ވާ އަންގާރަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުގައި ފަލަސްތީނު ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ. އަދި ތަމްރީނު ކޭމްޕުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ދެ ޓީމުގެ މެދުގައި ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗު މި މަހުގެ 30 ވާ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 2 ވާ ހޯމަ ދުވަހުއެވެ. މި ދެ މެޗުވެސް ކުޅޭނީ މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މި ތަމްރީނު ކޭމްޕަކީ ކުރިއަށް އޮތް މުބާރާތުގެ ކޮލިފައިންގަށް ތައްޔާރުވުމަށް ދެ ޓީމަށްވެސް ލިބޭ މުހިންމު ފުރުސަތަކަށް ވެގެންދާނެއެވެ. މީގެ އިތުރުން މިއީ ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރެއްކަން ފާހަގަކުރެވެއެވެ.










