އިރާޤުގެ ވެރިރަށް ބަޣުދާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ 52 ވަނަ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ޞުލްޙައާއި ތަރައްޤީ ޙާޞިލުކުރުމަށްޓަކައި އެއްބައިވަންތަކަމާއި މަޝްވަރާއަކީ ކޮންމެހެން އިސްކުރަންޖެހޭ މައިގަނޑު އަސާސްތައް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ އެކްސްގައި ހުންނަ އެކަމަނާގެ އަމިއްލަ އެކައުންޓުން ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
އެކްސްގައި ޙިއްޞާކުރެއްވި މި މެސެޖުގައި ވަޒީރު އިރުތިޝާމް ވަނީ، މުސްލިމުންގެ މާތް ޙަރަމްފުޅު ކަމުގައިވާ އަލްއަޤްޞާ މިސްކިތަށް ގަދަކަމުން ވަދެގަނެ ހިންގަމުންދާ އުދުވާނުތަކާމެދު ފުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށްދިނުމުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކަމަނާ ވަނީ ތަކުރާރުކުރައްވާފައެވެ.
ދުނިޔޭގެ މަސްރަޙަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ގޮވާލެއްވީ ހުރިހާ ޤައުމެއް ޝާމިލުވާ ފަދަ ވަރުގަދަ ބައިނަލްއަޤްވާމީ އެއްބާރުލުމެއް ޤާއިމުކުރުމަށެވެ. އަދި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާއި އެއްބާރުލުމުގެ ހެޔޮ މަންފާ، ހުރިހާ މެންބަރު ޤައުމުތަކަކަށްވެސް ހަމަހަމަކަމާއެކު ލިބިދޭންޖެހޭނެކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހަނގުރާމައާއި އަނިޔާވެރިކަމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހެނީ މުޖުތަމަޢުތަކުގެ އެންމެ ނިކަމެތި ފަރާތްތަކަށް ކަމަށްވުމާއެކު، ޞުލްޙަ ޤާއިމުކުރުމަށްޓަކައި ކުރެވޭ ކޮންމެ މަޝްވަރާއެއްގައިވެސް އެފަދަ ނިކަމެތިންގެ އަޑު އިއްވައި، އެމީހުންގެ ޙައްޤުތައް ކަށަވަރުކުރަންޖެހޭނެ ކަމަށް ވަޒީރު އިރުތިޝާމް ވަނީ އެކަމަނާގެ އެކްސް ޕޯސްޓުގައި ވަކާލާތުކުރައްވާފައެވެ.










