މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަފުއްޓަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. މި ޒިޔާރަތުގައި އެމް.ޕީ.އެލްގެ ފަރާތުން ވަނީ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ އިދާރާތަކާއި ބޭރުގެ އެހީތެރިވާ ފަރާތްތަކާ ގުޅިގެން މި މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރައްވާ ވުޒާރާތަކާއި ކުންފުނިތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މީގެ އިތުރުން، ބިންގަނޑު އެއްވަރުކޮށް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް ސައިޓުގައި އުފެއްދުމާއި، ބޭނުންވާ މެޝިނަރީ ހޯދުމުގެ އިތުރުން ޓާމިނަލް ޢިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދެއެވެ.
ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީ.އީ.ޔޫ.ގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި، މުޅި މަޝްރޫޢު ނިމޭއިރު މި ޢަދަދު އަހަރަކު 1.8 މިލިއަން ޓީ.އީ.ޔޫ. އަށް އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުންމިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްޞަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް ފަހުން 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެއެވެ. އަދި އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަކޮށްގެން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއްވެސް ގާއިމުކުރެވޭނެއެވެ.
މި ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބަރ ކެރޭނު ގާއިމުކުރެވޭނެއެވެ. މި އާ ބަނދަރާއެކު، މުދާ ބަރުކޮށް ބާލައިހެދުމުގެ ޓާން އަރައުންޑް ޓައިމް ގާތްގަނޑަކަށް 2 ދުވަހަށް ކުރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މިހާރު މާލޭ ވިޔަފާރި ބަނދަރުގައި މި ޚިދުމަތް ދިނުމަށް 7 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.
ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.









