ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އާއި ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ކެނަބިސް މަލާއެކު ދެ ދިވެއްސަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ތަކެތި ފެނިފައިވަނީ ހޫނުފެނާއި ފިނިފެން އަޅަން ގެންގުޅޭ ސްޓެއިންލެސް ސްޓީލް ތަށިތަކެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ އެއްޗެއްސާއި އަންނައުނުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓައެވެ.
ބެންކޮކް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން މިދިޔަ ހޯމަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޢަލީ ރާޝިދު (46 އ) އަދި މުޙައްމަދު ވިސާމް (34 އ) އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މެޓްރޯޕޮލިޓަން ޕޮލިސް ބިއުރޯގެ ކޮމިޝަނަރު ޕޮލިސް މޭޖަރ ޖެނެރަލް ސިއާމް ބޫންސޮމްގެ އިރުޝާދުގެ ދަށުންނެވެ.
އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލަ ފެންމަތިވީ އޮކްޓޫބަރު 5 ވަނަ ދުވަހު، ބެންކޮކްގެ ޕްރަތޫނާމް ސަރަޙައްދުގައި ހުންނަ ކާގޯ ޚިދުމަތްދޭ ތަނަކަށް ބޭރު މީހަކު ގެންދިޔަ ބޮޑެތި ޕާރުސަލްތަކަކުން އާދަޔާ ޚިލާފު ގަދަ ވަހެއް ދުވާތީ އެތަނުގެ މުވައްޒަފަކަށް ޝައްކުވުމާ ގުޅިގެންނެވެ. އެ މުވައްޒަފު އެ ޝިޕްމަންޓް ބަލައިގަތުމަށް އިންކާރުކޮށް، ފޮނުވަން އައި ފަރާތަށް އެ ތަކެތި އަނބުރާ ހަވާލުކުރުމަށްފަހު ފުލުހުންނަށް ރިޕޯޓްކުރިއެވެ.
ފުލުހުން އެ މައްސަލަ ބަލައި ފާރަލަމުން ދަނިކޮށް، ތުހުމަތުކުރެވޭ މީހުން ވަނީ ބެންކޮކްގެ ރަޗަތޭވީ ޑިސްޓްރިކްޓްގެ ޕެޗްބުރީ ސޯއި 11 ގައި ހުންނަ ޢިމާރާތެއްގެ ދަށުގައި އެ ޕާރުސަލްތައް ބަހައްޓާފައެވެ. އެއީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް އެ ތަކެތި ޤައުމުން ބޭރަށް ފޮނުވާލުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ދެ މީހުން ހައްޔަރުކުރީ އެ ޕާރުސަލްތައް އުފުލުމަށް ޓުކްޓުކް (އޮޓޯރިކްޝޯ) އެއް ހޯދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ފުލުހުން އެ ތަކެތި ފާސްކުރިއިރު، ސްޓެއިންލެސް ސްޓީލް އަށް ތައްޓެއްގެ ތެރޭގައި ވަކިވަކިން ބަންދުކޮށްފައި ހުރި 2.37 ކިލޯގެ އައިސް (ކޮންމެ ތައްޓެއްގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ މިންވަރެއް) އަދި ކުޑަކުދިންގެ ކުޅޭ ކާރާއި އަންނައުނު ހުރި ފޮށިތަކެއްގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި 10 ކިލޯގެ ކެނަބިސް މާ ވަނީ ފެނިފައެވެ. މި ހުރިހާ ތަކެއްޗާއެކު ބޮޑު ފަސް ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މި ދެ މީހުން ޕަޔާތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާއިރު، އެ މީހުންގެ މައްޗަށް ކުރަނީ ހުއްދައެއް ނެތި ފުރަތަމަ ގިންތީގެ މަސްތުވާތަކެތި (ކްރިސްޓަލް މެތަމްފެޓަމިން) ވިޔަފާރިކުރުމާއި ވިއްކުމުގެ ނިޔަތުގައި އަތުގައި ބެހެއްޓުމުގެ ތުހުމަތެވެ. ފުލުހުންގެ ސުވާލުކުރުންތަކުގައި ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އެ ޕާރުސަލްތަކަކީ އިންޑިއާއަށް ފޮނުވުމަށް ރަޙުމަތްތެރިއަކު ހަވާލުކުރި އެއްޗެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް އެ މީހުން ބުނެފައިވެއެވެ. ނަމަވެސް އެ ވާހަކަތައް ޤަބޫލުނުކޮށް، ބައިނަލްއަޤްވާމީ މި ޑްރަގް ނެޓްވޯކުގައި ބައިވެރިވާ އެހެން ފަރާތްތައް ހޯދުމަށް ތަޙުޤީޤު ފުޅާކުރުމަށް މެޓްރޯޕޮލިޓަން ޕޮލިސް ބިއުރޯގެ ޑެޕިއުޓީ ކޮމިޝަނަރު ވަނީ އަމުރުކުރައްވާފައެވެ.
ތައިލެންޑުން ހައްޔަރުކުރި މުޙައްމަދު ވިސާމަކީ ރާއްޖޭގައި މީގެކުރިން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ވެސް ހައްޔަރުކުރި ޑްރަގް ނެޓްވޯކެއްގެ އިސް މީހެއްކަމުގެއި ވަނީ ތުހުމަތު ކުރެވިފައެވެ.
އެއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު ”މަސްޖަރީ 2“ ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައެވެ. އެ ފަހަރު ފުލުހުން އެ ތަކެތި އަތުލައިގަތީ، ކަނޑުމަގުން ލޯންޗެއްގައި މާލެ ގެނެސް، ކާރެއްގެ ޑިކީއަށް އެ ތަކެތި އަރުވަނިކޮށެވެ. އެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރި ދެ މީހުންގެ ތެރޭގައި ވިސާމް ހިމެނުނެވެ.
އެ މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދަޢުވާ އުފުލިއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ ވިސާމް ހިމެނޭ ގޮތަށް ހަތް މީހެއްގެ ދަޢުވާ ފަހުން އަނބުރާ ގެންގޮސްފައެވެ. އޭގެފަހުން އެ މައްސަލައިގައި ޝަރީޢަތް ހިންގީ ބާކީ ތިބި ތިން މީހުންގެ މައްޗަށް ނަމަވެސް، އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.









