ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޓަވަރުތަކުގެ 2 ޔުނިޓަކާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ޔުނިޓުތައް ހުސްކުރުމަށް އެ ފަރާތްތަކަށް ނޯޓިސް ފޮނުވައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ކުއްޔަށް ދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެފްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްވެސް ވަނީ ފޮނުވާފައެވެ. މި އެންގުންތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ހަވާލުކޮށްފައިވާ ކަމަށްވެސް އެފްޑީސީން ފާހަގަކުރެއެވެ.
ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ދިން މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓް އެކްސެސްވެސް މިހާރު ވަނީ ކަނޑާލާފައެވެ.
އެފްޑީސީން ބުނީ މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ޤަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަހުގެ 2 ވަނަ ދުވަހު އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މަހުން މަހަށް ޤަވާއިދުން ކުލި ދައްކަމުން ދަނީ 3,362 ޔުނިޓުންނެވެ. އަދި ޤަވާއިދުން ކުލި ނުދައްކާ 564 ޔުނިޓު ހުރިކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް އެފްޑީސީން އަންނަނީ ބަލަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފްލެޓުތަކާ ގުޅޭ 49 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.










