ހޮޓެލް އިންވެސްޓްމަންޓް ކޮންފަރެންސް އޭޝިއާ ޕެސިފިކް (ހައިކެޕް) އިން ދޭ 2026 ވަނަ އަހަރުގެ ސަސްޓެއިނަބަލް ހޮޓެލް އެވޯޑްސްގެ "ބަޔޯޑައިވަރސިޓީ އެކްޝަން އެންޑް އެޑިއުކޭޝަން" އެވޯޑު ފޯ ސީޒަންސް ރިޒޯޓްސް މޯލްޑިވްސްއަށް ލިބިއްޖެއެވެ. މި އެވޯޑަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ދިރާސާތައް ކުރުމަށާއި އަދި ތަމްރީނު ދިނުމުގެ ދާއިރާއިން ވޭތުވެދިޔަ 25 އަހަރު ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ އަދި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެ ދީފައިވާ އެވޯޑެކެވެ.
ހައިކެޕް އެވޯޑަށް ފަރާތްތައް ހޮވަނީ ތަޖުރިބާކާރު ޖަޖުންގެ ޕެނަލަކުން، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެހެން ފަރާތްތަކަށްވެސް ނަމޫނާއަކަށް ބެލިދާނެ ފަދަ އައު އީޖާދީ ދެމެހެއްޓެނިވި އުސޫލުތަކަށް ބަލައިގެންނެވެ. ފޯ ސީޒަންސް ރިޒޯޓްސް މޯލްޑިވްސްއަށް މި އެވޯޑު ލިބުނީ ސައިންޓިފިކް ހޯދުންތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް، ރިސޯޓުގެ މެހެމާނުންނާއި، ސްކޫލް ކުދިންނާއި އަދި ދިވެހި ޒުވާނުންނަށް އަމަލީ ގޮތުން ދަސްކޮށްދިނުމާ ގުޅުވާލަދީފައިވާތީއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ "ރީފްސްކޭޕާސް" ޕާޓްނަޝިޕްގެ ދަށުން، އިންޑިއާ ކަނޑުގައި ހިންގާ އެންމެ ބޮޑު މަސްނޫއީ ފަރު އާލާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 9,000 އަށްވުރެ ގިނަ މުރަކަ ފްރޭމް ވަނީ އިންދާފައެވެ. އަދި އޭއައި ގެ އެހީގައި ފަރުތައް ދިރުވުމުގެ ދިރާސާތައް ކުރަމުން އަންނައިރު، 2024 ވަނަ އަހަރު ފަރުތަކުން ގާ ހުދުވުމުގެ ހާދިސާ ހިނގި ދުވަސްވަރު 28,000 މުރަކަ ވަނީ ފިނި އަދި ފުން ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ދެ ރިސޯޓުގައި ހިންގާ ޓާޓަލް ރިހެބިލިޓޭޝަން ސެންޓަރުތަކުން 500 އަށްވުރެ ގިނަ ވެލާ ބަލަހައްޓާފައިވާއިރު، އޮޔާދާ ދަލުގައި ޖެހި ޒަޚަމްވި ވެލާތަކުގެ ތެރެއިން 280 އަށްވުރެ ގިނަ ވެލާ ފަރުވާއަށްފަހު ވަނީ އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ.
ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާއިން، ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1,058 ދިވެހިން ވަނީ ދަސްވެނިވެފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ހަތަރު އަހަރުގެ މެރިން އެންޑް އެންވަޔަރަންމަންޓަލް ސައިންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށާފައިވާއިރު، 2023 ވަނަ އަހަރުން ފެށިގެން ބ. އަތޮޅުގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މެރިން ބައޮލޮޖީ އިންޓާންޝިޕް ޕްރޮގްރާމެއްވެސް ދަނީ ހިންގަމުންނެވެ.
މި އެވޯޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު އަރމަންޑޯ ކްރެންޒްލިން ވިދާޅުވީ މި އެވޯޑަކީ މެދުކެނޑުމެއްނެތި މި މަސައްކަތުގައި ދެމިތިބި ހީވާގި މުވައްޒަފުންނާއި ބައިވެރިންގެ މަސައްކަތަށް ލިބުނު ޙައްޤު ކާމިޔާބީއެއް ކަމަށެވެ.









