ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ”ސީއޭއޭ2″ އިން “ސީއޭއޭ1” އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް ’ސްޓޭބަލް‘ އަށް ބަދަލުކޮށްފައިވާކަން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ މޫޑީސް އިން އިއުލާނުކޮށްފިއެވެ.
މޫޑީސް އިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޭޓިންގއަށް މި ކުރިއެރުން ގެނެސްފައިވަނީ ކުރުމުއްދަތުގައި ރާއްޖެއަށް އޮތް ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ގަބޫލުކުރެވޭތީއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމާއި، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ވެސް ހިމެނެއެވެ.
ހަމައެއާއެކު، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުވުމުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިލެޓަރަލް ފަރާތްތަކުން ލިބޭ އެއްބާރުލުން މެދުނުކެނޑި ލިބެމުންދިއުން ވެސް ރޭޓިންގ މަތިވުމުގެ ސަބަބުތަކުގެ ތެރޭގައި މޫޑީސްއިން ފާހަގަކޮށްފައިވެއެވެ. މެދުރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ދަށްވުމާއި ބޭރުގެ މާލީ އެހީތެރިކަން ލިބުމަކީ ކުރުމުއްދަތުގެ ގޮންޖެހުންތަކުން ރައްކާތެރިވެ، ރިޒާވް ވަރުގަދަކުރުމަށް ލިބޭ ބާރެއް ކަމަށް އެ ރިޕޯޓުގައި ވެއެވެ.
މިގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިންގ މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހޯދާފައެވެ. އަދި ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީ ހޯދުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. ދަރަނި އަނބުރާ ދެއްކުމަށް އެޅި ފިޔަވަޅުތަކާއެކު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ހުރި މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލުމުގެ ނުރައްކާ އޮތް ނަމަވެސް، އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތިނުވާނޭހެން ބަޖެޓުގެ ތެރެއިން އިގުތިސާދީ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދެއެވެ. އަދި މެދު ރާސްތާގައި މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފަހައްޓައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.









