އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ މާތް ﷲ ދެއްވާފައިވާ ވަގުތީ އަމާނާތަކަށް ވާއިރު، އެ މުދާ ހޯދުމާއި ހޭދަކުރުމުގައި އިސްލާމީ ހަމަތަކަށް ރައްކާތެރިވެ، މުދަލުގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި މުޖުތަމަޢަށް ނަޞޭޙަތްތެރިވެ ގޮވާލައިފިއެވެ.
”މުދަލަކީ މާތް ﷲ ގެ ޙައްޤެކެވެ“ މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗެއްގެ އަސްލު މިލްކުވެރިޔަކީ މާތް ﷲ އެވެ. އަދި އިންސާނުންނަކީ އެ ތަކެތީގެ މައްޗަށް ލައްވާފައިވާ ޚަލީފާއިންނަށް ވާއިރު، މުދަލަކީ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގެ އިތުރުން މާތް ﷲ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް ދެއްވާފައިވާ ވަޞީލަތެކެވެ. މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ ވެސް އެ އިލާހުގެ ޙިކުމަތްވަންތަ ރޭވުމުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ޤިޔާމަތް ދުވަހު މުދަލާ މެދު ސުވާލުވެވޭނެކަން ހަނދާންކޮށްދެމުން، ޚުޠުބާގައި ބަޔާންކުރީ އިންސާނާގެ ޢުމުރާއި ހަށިގަނޑާއި ޢިލްމުގެ އިތުރުން، އޭނާ މުދާ ހޯދީ ކޮން ގޮތަކުންތޯ އަދި އެ މުދާ ހޭދަކުރީ ކޮން ކަންކަމަކަށްތޯ ސުވާލުވެވޭނެ ކަމަށެވެ. އެހެންކަމުން، މުދަލަށް ދަހިވެތިވުމުގެ ސަބަބުން ދީންވެރިކަމަށް ލިބޭ ގެއްލުން ބޮޑުކަން ހަނދާންކޮށްދީ، މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެނަމަ އަޚުލާޤު ފަސާދަވެ، ހެއްދެވި ފަރާތާ އޮންނަ ގުޅުން ކެނޑިގެންދާނެ ކަމުގެ އިންޒާރު ދިނެވެ.
އާމްދަނީ ހޯދުމުގެ ވަޞީލަތްތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ވަނީ، ރިބާއާއި، ރިޝްވަތާއި، މަކަރާއި ޙީލަތް ހެދުމާއި، ވައްކަމާއި ޖުވާ ފަދަ ޙަރާމް ގޮތްތަކުން ފައިސާ ހޯދުމުން މުޅި މުޖުތަމަޢު ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. ޙަރާމް މުދަލުން ހަށިގަނޑުގައި ޖަހާ މަހަށް އެންމެ ޙައްޤުވެގެންވަނީ ނަރަކައިގެ އަލިފާންކަމުގެ ނަބަވީ އިންޒާރު ދެއްވަމުން، ޞައްޙަ ވިޔަފާރިއާއި، ވަޒީފާއާއި، ދެފަރާތުން ރުހިގެން ކުރާ މުޢާމަލާތްތަކުގެ ތެރެއިން ޙަލާލު ގޮތުގައި އާމްދަނީ ހޯދުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
މީގެއިތުރުން، ލިބޭ މުދާ ހޭދަކުރުމުގައި ޒިންމާދާރުވުމަށް ގޮވާލަމުން، އެންމެ ފުރަތަމަ ވެސް އަނބިދަރިންނާއި ބަލަންޖެހޭ ޢާއިލާގެ މައްޗަށް ޚަރަދުކުރުމުގެ ވާޖިބު އަދާކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ޝަރުޢީ ގޮތުން ވާޖިބުވާ ޒަކާތް ފުރިހަމައަށް އަދާކުރުމަށާއި، ބޭކާރު ގޮތުގައި އިސްރާފުކުރުމާއި ދެއްކުންތެރިކަމަށް ހޭދަކުރުމުން އެއްކިބާވުމަށް މުޖުތަމަޢަށް އިރުޝާދު ދިނެވެ. މުދަލަކީ ހެޔޮ ގޮތުގައި ހޭދަކޮށްފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ވަޞީލަތެއްކަން ފާހަގަކޮށް، ޚުޠުބާ ނިންމާލާފައިވަނީ މުދަލުގެ އިމްތިޙާނުން ފާސްވެ، ﷲ ރުހިވޮޑިގަންނަވާ މަގުގައި މުދާ ބޭނުންކުރުމުގެ ތައުފީޤު ދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.










