ކ. ކާށިދޫ ސިއްހީ މަރުކަޒުގައި އަލަށް ތަޢާރަފުކުރި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ކާށިދޫ ސިއްހީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީއެވެ. ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްފަހު، މިނިސްޓަރު ވަނީ އެ މަރުކަޒުގެ ފެސިލިޓީތައް ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ގިނަ ދުވަސްތަކެއް ވަންދެން މި ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކާށިދޫގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ މި ޚިދުމަތް ފެށުނު ސިއްހީ މަރުކަޒަކީ ކާށިދޫ ސިއްހީ މަރުކަޒުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ޖިސްމާނީ އުނދަގޫތަކަށް ފަރުވާ ހޯދުމުގައި ފިޒިއޮތެރަޕީގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށުން ބޭރަށް ދަތުރުނުކޮށް، އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މިފަދަ އަސާސީ ޚިދުމަތްތައް ފުޅާކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރިން ކާށިދޫގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، ފަރުވާ ބޭނުންވާ ފަރާތްތަކުން ޖެހެނީ ކަނޑު މަގުން މާލެއަށް ދަތުރުކުރާށެވެ. މީގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ޚަރަދެއް ހިނގުމުގެ އިތުރުން، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު އެ ދަތުރުތައް ކުރުމުގައި ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ.
24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ކާށިދޫ ސިއްހީ މަރުކަޒުން ދުވާލަކު އެވްރެޖްކޮށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަލިމީހުން ޑޮކްޓަރަށް ދައްކައެވެ. އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 8 އެނދު ހުންނަ މި މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓްރީ ޓެސްޓުތައް ހެދުމުގެ އިތުރުން އީސީޖީގެ ޚިދުމަތް ވެސް ލިބެން ހުރެއެވެ. އަދި މީގެއިތުރުން އެކްސްރޭ އަދި ސްކޭނިންގގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެސް އެ މަރުކަޒުގައި މިހާރު ދަނީ ކުރެވެމުންނެވެ.








