ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ކެރިއަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކޮކޫން ކަލެކްޝަނުން ކުރިއަށްގެންދާ ”ސްޓާޓާ ޕްރޮގްރާމް ޓުއާ 2026“ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ފަށައިފިއެވެ. މި ދަތުރުތަކުގެ ތެރެއިން ޅ. ކުރެންދޫގައި ބާއްވާ ހާއްސަ ހަރަކާތް މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުރެންދޫ ހަބްސީ ޕްރީސްކޫލުގައި ކުރިއަށްގެންދާ މި އިވެންޓުގެ އިތުރުން، މި ޓުއާގެ ދަށުން ކުޅުދުއްފުށި ސިޓީ އަދި ރ. އުނގޫފާރަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ދެ ރަށުގައި އިވެންޓް ބާއްވާނެ ތާރީޚުތަކާއި ތަންތަން އަދި އާންމުކޮށްފައެއް ނުވެއެވެ. މި ޕްރޮގްރާމަކީ ހޮސްޕިޓާލިޓީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ އަދި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން ހުނަރުވެރިން ހޯދައި، އެ ފަރާތްތަކަށް ކެރިއަރު ބިނާކުރުމުގެ ފުރުސަތުތައް ދައްކުވައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮކޫން ކަލެކްޝަނުން ބުނެފައިވަނީ، މި ޓުއާގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނުމަށް ތައްޔާރަށް ތިބި ޒުވާނުންނާ ބައްދަލުކޮށް، އެ ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ތަޖުރިބާ ހޯދައިދިނުމުގައި އެހީތެރިވެދިނުން ކަމަށެވެ.










