ހޮނިހިރު، 31 އޮކްޓޫބަރު 2026 މެންދުރު 2:23
ހޫނު ޚަބަރު
ހަބަރުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

ނަބާނަބާ1 ފަހަރު ބެލިފައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
ތިޔަބޭފުޅާގެ ރިއެކްޝަން
0 ރިއެކްޝަންތައް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ. އަދި މިއީ 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފުރަމާނަ ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިންނާއެކު މިއަދު ހެނދުނު އިސްލާމްއާބާދަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، މި ދަތުރުފުޅުގެ ހަވާސާގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރާ ބައްދަލުކުރެއްވުމަށް އިންތިޒާރުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ”މޯލްޑިވްސް ފަސްޓް“ މި ޝިޢާރުގެ މައްޗަށެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭހެން ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

0 0 ވޯޓުތައް
Article Rating
ސަބްސްކްރައިބް ކުރޭ
ނޮޓިފިކޭޝަން ފޮނުވަންވީ
guest

0 Comments
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު ލިބުނު

ތިބާ ނުބެލިދާނެ ހަބަރުތައް

0
ލިޔުމާ ގުޅޭގޮތުން ތިޔަބޭފުޅުނެގް އަށް ފެނިވަޑާއިގަންނަ ގޮތަކަށް ހިޔާލު ފާޅުކުރައްވާ!x